އިނގިރޭސިވިލާތުން ކަޅުބިލަމަހުން ނަގާ ޑިއުޓީ ކެނޑީ ހުރިހާ ގައުމަކަށް
އިނގިރޭސިވިލާތަށް އެތެރެކުރާ ކަޅުބިލަމަހާއި، ދަނޑުގޮވާމުގެ ބާވަތްތަކުގެ އިތުރުން ސީފުޑްގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ދުނިޔޭގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން އެ ގައުމުން ކަނޑާލައިފިއެވެ.
މީގެ ކުރިން މި ބާވަތްތަކުން އިނގިރޭސިވިލާތުން ކަޅުބިލަ މަހަށް 20 އިންސައްތައިގެ ޓެރިފެއް ނަގަމުންދިޔައެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އެ ގައުމުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ، ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައެވެ.
މިއީ ވަކި ގައުމަކަށް ދިން އިނާޔަތެއް ނޫން ކަމަށާއި، މިއީ ބައިނަލްއަގުވާމީ މާކެޓަށް ހުޅުވާލައިގެން ނިންމި ނިންމުމެއްކަން ބައިނަލްއަގުވާމީ ޚަބަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައުޟޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އަލަށް ފެއްޓެވި "ނެޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މިއީ މި ސަރުކާރުން ކުރި މަސައްކަތެއްގެ ނަތީޖާކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
ނަމަވެސް، ބައިނަލްއަގުވާމީ ރިޕޯޓްތަކުން ހާމަވާގޮތުގައި މި ނިންމުމަކީ އިނގިރޭސިވިލާތުގެ ދާޚިލީ އިގުތިސާދަށްޓަކައި އެ ގައުމުން އަމިއްލައަށް ނިންމި ނިންމުމެކެވެ.
މި ކަމުގައި ދިވެހި ސަރުކާރުގެ ސީދާ ދައުރެއް ނެތް ނަމަވެސް، މިއީ ރާއްޖޭގެ އިގުތިސާދަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ހާއްސަކޮށް ރާއްޖެއިން އެކްސްޕޯޓްކުރާ ކަޅުބިލަމަހުގެ ބާވަތްތަކަށް އިނގިރޭސި މާކެޓުގައި ރަނގަޅު އަގުތަކެއް ލިބުމަށް މި ބަދަލުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމާއެކު، ރާއްޖެއިން އެ ގައުމަށް މަސް ބޭރުކުރާ ފަރާތްތަކަށް އޮތް ޓެރިފްގެ ހުރަސްތައް ނެތިގެންދާނެއެވެ.
މިއީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް ވާދަވެރި ފުރުސަތުތަކެއް ލިބިގެންދާނެ އިގުތިސާދީ ކުރިއެރުމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
0
ލޯބި
0
މަޖާ
0





