ޚަބަރު

މީޑިއާއަށް ޚަބަރު ތިލަވުމުން ޝަމްއާންގެ ހުކުމް ފަސްކުރަން ރައީސް އަންގަވައިފި

21 މޭ 2026 - 18:47
މީޑިއާއަށް ޚަބަރު ތިލަވުމުން ޝަމްއާންގެ ހުކުމް ފަސްކުރަން ރައީސް އަންގަވައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ދިގު މުއްދަތަކަށް ޖަލަށްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވި ކަމަށް ބުނާ ޚަބަރު މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެން، މިއަދަށް ތާވަލުކުރި ހުކުމް ކުރުމުގެ ޝަރީއަތް އީދު ބަންދަށްފަހު ބާއްވާ ގޮތަށް ފަސްކޮށްފިއެވެ.

މި މައްސަލައިގައި ކުރިން ތާވަލުކޮށްފައި އޮތީ މިއަދު ހުކުމް އިއްވުމަށެވެ.

ކްރިމިނަލް ކޯޓުން މި ޝަރީއަތް ކެންސަލް ކުރީ ޝަމްއާންގެ ވަކީލު ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް ބުނި ނަމަވެސް، މީގެ ކުރިން ބޭއްވި އެތައް އަޑުއެހުމެއްގައި ވަކީލު ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ. އެގޮތުން މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ވަކީލުން ބައިވެރިވީ އޮންލައިންކޮށް ކަން ފާހަގަކުރެވެއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަލްއުސްތާޛް އިބްރާހީމް އިޙްސާންގެ ގާތް ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ނިންމައި، އީދު ބަންދުގެ ކުރިން ހުކުމް ކުރުމަށް އޮތީ އަންގާފައެވެ. ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ޝަމްއާން އަވަހަށް ޖަލަށްލާން ބޭނުންވަނީ އޭނާ މިނިވަންވެއްޖެނަމަ ކުރީގެ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ބެލެވޭތީއެވެ. "ޝަމްއާން އަކީ ރައީސް ޔާމީންގެ މީހެއް. މިހާރުވެސް ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކުން އެކަން ވަރަށް ސާފުވާނެ،" އެ ބޭފުޅާ ވިދާޅުވިއެވެ.

ދައުލަތުން މި މައްސަލައިގައި ޝަމްއާނާ ދެކޮޅަށް ހެކިބަސް ހޯދާފައިވަނީ މައްސަލައިގައި ހިމެނޭ އެހެން މީހުންނަށް ބޮޑެތި ލުއިތަކެއް ދީގެންނެވެ. އެގޮތުން ޝަމްއާނާ އެއްކޮޅަށް ކުރިން ހެކިބަސް ދިން މީހަކު ޖަލުން މިނިވަންކޮށްދިނުމުން، އޭނާގެ ބަޔާން ބަދަލުކޮށް ޝަމްއާނާ ދެކޮޅަށް ހުލާސާ ބަޔާނުގެ މަރުހަލާގައި ވަނީ ހުށަހަޅާފައެވެ.

ބިދޭސީއަކު އަތުން ފޭރުނު ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަމަށް ބާރުދޭން ހުށަހެޅި ވީޑިއޯ ފުޓޭޖާ ގުޅޭގޮތުން ފުލުހުންގެ އޮފިސަރު ކޯޓުގައި ބުނެފައިވަނީ ގެއަށް ވެއްދި ކޮތަޅުގައި ހުރީ ފައިސާކަން ޔަގީންކަމާއެކު ބުނަން ނޭނގޭ ކަމަށެވެ. އަދި އެއީ އިމިގްރޭޝަން އޮފީހުން ނެރުނު ކޮތަޅުކަން ވެސް ޔަގީން ނުވާ ކަމަށް އޮފިސަރު ވަނީ ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1