ހިޔާރޯދިގޭގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ފިލައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފިލާފައިވާ ގައިދީގެ ވަނަވަރު ކަރެކްޝަންސްއިން މިއަދު ވަނީ އާންމުކޮށްފައެވެ.
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނިކޮށް ފިލާފައި ވަނީ، ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހްބާން އެވެ. ޝަހްބާން އަކީ މިދިޔަ މާޗް މަހު ގ. ހިޔާރޯދި ގޭގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވާ މީހެކެވެ.
ކަރެކްޝަންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަހްބާން ފިލާފައިވަނީ އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ހުއްޓާ ކަމަށެވެ. އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި، ގައިދީއަކު ފިލާފައިވާ މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ފިލި ސީދާ ވަގުތެއް އަދި ކަރެކްޝަންސްއިން ހާމަކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާ މިހާރު ތަންފީޒު ކުރަމުންދަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެ އިއްވާފައިވާ ހުކުމެކެވެ.
ކަރެކްޝަންސްއިން ވަނީ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް ފުލުހުންގެ ނަންބަރު 3322111 އަށް ގުޅައި އެކަން ހިއްސާކުރުމަށް އެދިފައެވެ.






ރިއެކްޓް