ޖޭއެސްސީގައި ރައީސް ތަމްސީލްކުރައްވާ މެންބަރަކަށް ނަސީރު އައްޔަންކުރައްވައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި އަލީ ނަސީރު ގާސިމް މިއަދު އައްޔަންކުރައްވައިފިއެވެ.
ނަސީރު މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒުމީދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނަސީރަކީ މީގެ ކުރިން ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޕޮލިސް އިންޓެލިޖެންސް އަދި ޕޮލިސް ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
މި މަގާމުން އިސްތިއުފާ ދެއްވި ޔަޒުމީދު މުހައްމަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވިލިނގިލި ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ.
ޔަޒުމީދު އިސްތިއުފާ ދެއްވިއިރު އޭނާ ހުންނެވީ ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައެވެ. އެހެންކަމުން ޔަޒުމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ވެސް މިހާރު އޮތީ ހުސްކޮށެވެ.






ރިއެކްޓް