ދިވެހިންނަށް ދޭ އޮން-އެރައިވަލް ވިސާ ކުރު ކުރަން ތައިލޭންޑުން ނިންމައިފި
ތައިލެންޑުން ދިވެހިންނަށް 60 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭގޮތަށް 2024 ވަނަ އަހަރު ހަމަޖައްސާފަައި އޮތުމަށްފަހު، ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އެ ގައުމަށް ދަތުރު ކުރެވޭ މުއްދަތު 15 ދުވަަހަށް ކުރު ކުރުމަށް ތައިލެންޑްގެ ކެބިނެޓުން ނިންމައިފިއެވެ.
ތައިލެންޑް ސަރުކާރާ ހަވާލާދީ ބެންކޮކް ޕޯސްޓް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުން ވިސާ އެގްޒެމްޕްޝަން އާއި އޮންއެރައިވަލް ވިސާ ދޫކުރާ އުސޫލު ބަދަލުކޮށް، 93 ގައުމަކަށް ދެމުންދާ ވިސާގެ ލުއިތައް ރިވިއުކުރުމަށް ވަނީ ނިންމާފައެވެ.
މި ބަދަލާއެކު ދިވެހިންގެ އިތުރުން ސީޝެލްސް އާއި މޮރިޝަސްގެ ރައްޔިތުންނަށް ވެސް ދެން ވިސާ ލިބޭނީ 15 ދުވަހުގެ މުއްދަތަށެވެ. އަދި ކުރިން 60 ދުވަހަށް ވިސާ ލިބެމުން ދިޔަ ގައުމުތަކަށް ދެން ލިބޭނީ 30 ދުވަހުގެ ވިސާއެވެ.
މި ނިންމުމާ ގުޅޭގޮތުން ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވީ، 2024 ވަނަ އަހަރު ތައާރަފްކުރި 60 ދުވަހުގެ ލުއި ވިސާގެ ބޭނުން ނުބައި ގޮތުގައި ހިފައި، ބައެއް އިންސާނީ ވަގު ވިޔަފާރި ކުރުމާއި ހުއްދައާ ނުލައި މަސައްކަތް ކުރުމުގެ އިތުރުން ކޯލް ސެންޓަރު ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި، ހަމައެކަނި ޓޫރިސްޓުންގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި 'ކޮލިޓީ' ފަތުރުވެރިކަމަށް އިސްކަން ދިނުން ކަމަށެވެ. މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރުމަށްޓަކައި އަވަސް އަވަހަށް ބޯޑަރު ހުރަސްކޮށްފައި އެނބުރި ތައިލެންޑަށް ވަންނަ އުސޫލަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ބޯޑަރު ހުރަސްކޮށް އަހަރަކު އެންމެ ގިނަވެގެން ތައިލޭންޑަށް ވަދެވޭނީ ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި އާ އުސޫލަށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓްގައި މި ނިންމުން ރަސްމީކޮށް ޝާއިއު ކުރާތާ 15 ދުވަސް ހަމަވުމުންނެވެ.






ރިއެކްޓް