ޚަބަރު , ސިޔާސީ

މި އަހަރު ނިމުމުގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލު ކުރާނަން: ރައީސް ނަޝީދު

18 މޭ 2026 - 23:00
 2
މި އަހަރު ނިމުމުގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލު ކުރާނަން: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން މިއަހަރު ނިމުމުގެ ކުރިން ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭން ޖަލްސާގައެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށާއި، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެގޮތުން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިގެން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި މަސައްކަތުގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ހުންނެވީ ތައްޔާރަށް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ޕާޓީ ބަދަލުކޮށް، ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލައިގައި ސޮއިކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެސް އެ ހުންނެވީ މިކަން ކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް. އަދި އަޅުގަނޑަށް މާ ސާފުކޮށް އެނގޭ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ ބޭފުޅުން ހުރަސްކުރައްވާނެ. ޕާޓީ ބަދަލު ކުރައްވާނެ. މި ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރު ނެތް ކަމަށް އެ ބޭފުޅުން ސޮއިކުރައްވާނެ، ސޯބެއާއެކުގައި. އެ ލިސްޓުގެ ފުރަތަމަ ނަމަކީ ސޯބެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލުކުރުމުގެ ގާނޫނީ މަރުހަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0