ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ބައެއް އޮޕެރޭޝަންތައް އައިޖީއެމްއެޗުން ފަށައިފި
ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ބައެއް އޮޕެރޭޝަންތައް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި އައު ޚިދުމަތުގެ ސަބަބުން ބަލިމީހުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި ބާއްވަންޖެހޭ މުއްދަތު ކުރުވުމާއި، ބަލިމީހާ އަވަހަށް ފަސޭހަވުމުގެ އިތުރުން، އޮޕެރޭޝަނަށްފަހު އިހުސާސްކުރަންޖެހޭ ތަދު ކުޑަވުން ހިމެނެއެވެ.
ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތަކުގެ އެންމެ ބޮޑު އެއް ފައިދާއަކީ ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވި ބަލިމީހާ ރަނގަޅުވުމެވެ. މީގެ އިތުރުން، ގިނަ ހާލަތްތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރަން ނުޖެހުން ނުވަތަ އެޑްމިޓްކުރަން ޖެހުނު ނަމަވެސް އެ މުއްދަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން އިންފެކްޝަންވެ ދޮސްގަތުމުގެ ފުރުސަތު ކުޑަވެގެންދާއިރު، ބަލިމީހާ އަވަހަށް ރިކަވަރވެ، ކުރިން ކުރަމުން އައި މަސައްކަތްތަކަށް އެނބުރި ދިއުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފަރުވާގެ ފެންވަރު މަތިކުރުމަށް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށުނު މުހިންމު ޚިދުމަތެކެވެ.






ރިއެކްޓް