ޚަބަރު , ސިޔާސީ

ޖިނާއީ މައްސަލަތަކުގައި އަމިއްލަ ފަރާތްތަކަށް ކޯޓަށް ދެވޭކަމެއް އެނގިފައެއް ނެތް: ނަޝީދު

18 މޭ 2026 - 20:00
ޖިނާއީ މައްސަލަތަކުގައި އަމިއްލަ ފަރާތްތަކަށް ކޯޓަށް ދެވޭކަމެއް އެނގިފައެއް ނެތް: ނަޝީދު

ކްރިމިނަލް ކޯޓުން ނެރެފައިވާ 'ގެގް އޯޑަރާ' ނުވަތަ "އަނގަ ބަންދު" އަމުރާ ރައީސް ނަޝީދާއި ރައީސް މުޢިއްޒު އަދި ރައީސް ޔާމީން ހިލާފުވެފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، ޖިނާއީ މައްސަލަތަކުގައި އަމިއްލަ ފަރާތްތަކަށް ކޯޓަށް ދެވޭނެ ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން "ވިރާސީ" އައް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖިނާއީ މައްސަލަތަކަކީ ފުލުހުންގެ އިދާރާއިން ބަލަންޖެހޭ މައްސަލަތަކެއް ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން މިފަދަ މައްސަލައެއް ކޯޓަށް ހުށަހެޅިކަން އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އަމިއްލަ ފަރާތަކުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ، ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ހެކިތަކެއް އެބަހުރި ކަމަށެވެ. މި މައްސަލާގައި ރައީސް ނަޝީދު ދައްކަވާފައިވާ އެކި ވާހަކަފުޅުތަކުގައި ކޯޓު އަމުރާ ހިލާފުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި ރައީސް ނަޝީދުގެ އިތުރުން ދެން ހިމެނެނީ ރައީސް އަބްދުﷲ ޔާމީން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މި ހުރިހާ ބޭފުޅުންވެސް ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދު ވަނީ ޖިނާއީ އިޖުރާއަތްތަކުގެ ތެރެއިން މިފަދަ ކަންކަން ހިނގަންޖެހޭނީ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ކަމަށް އިޝާރާތް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފުވުމުގެ ކުށް ސާބިތުވެ، ދެ ނޫސްވެރިއަކު މިހާރުވެސް ވަނީ ޖަލަށް ލާފައެވެ. އެގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހުޒާން 15 ދުވަހަށް، ހަމަ އެނޫހުގެ ނޫސްވެރިޔާ ލީވާން 10 ދުވަހަށް ޖަލަށްލާފައިވާއިރު، ސިޔާސީ ފަރާތތަކުން ކޯޓު އަމުރާއި ތަކުރާރުކޮށް ޚިލާފުވަމުން ދާއިރު އިދާރާތަކުން ހަނު ތިބުމަކީ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 1