ސިޔާސީ , ޚަބަރު

ރައީސް މުޢިއްޒާއި ނަޝީދު އަދި ޔާމީން އަނގަބަންދު އަމުރާ ޚިލާފުވި މައްސަލަ ކޯޓަށް

18 މޭ 2026 - 16:47
 1
ރައީސް މުޢިއްޒާއި ނަޝީދު އަދި ޔާމީން އަނގަބަންދު އަމުރާ ޚިލާފުވި މައްސަލަ ކޯޓަށް
'އަދަދު' ނޫހުން ނެރުނު 'އައިޝާ' ޑޮކިއުމެންޓަރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު 'ގެގް އޯޑަރު' އާ ޚިލާފުވެފައިވާ ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީނާ ދެކޮޅަށް މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މި މައްސަލާގައި އެދިފައިވަނީ އެ ބޭފުޅުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގައި، 'އައިޝާ' ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށް، އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން އެ މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން ވެސް އެ އަމުރުން މަނާކުރެ އެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ރައީސް ނަޝީދު އެކި ސްޕީޗުތަކުގައި ތަކުރާރުކޮށް އެ އަމުރާ ހިލާފުވަމުންދާ ކަމަށާއި، ރައީސް ޔާމީން ވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން، ރައީސް މުއިއްޒާއި، މަޖިލިސް މެންބަރުން ކަމަށްވާ މުހައްމަދު އިބްރާހިމް (ކުޑޫ)، މީކާއިލް ނަސީމް، ހުސައިން ޒިޔާދު އަދި އަމީން ފައިސަލް ވެސް ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރަކީ 'އަދަދު' ނޫހުގެ ސީއީއޯ ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާއާ ގުޅިގެން ނެރުނު އަމުރެކެވެ. މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގަ އެވެ.

މި އަމުރާ ގުޅިގެން ގާނޫނީ މާހިރުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ. ވަކިން ހާއްސަކޮށް، ޝަރީއަތުގެ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ސިފަކުރައްވަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 2