ޒަކާތު ފަންޑުން މަތީ ތަޢުލީމު ހާސިލްކުރުމަށް 30 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ޒަކާތު ފަންޑުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތުތަކެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު އިޢުލާނުކޮށްފިއެވެ. މި ސްކީމުގެ ދަށުން ޖުމްލަ 30 ފުރުސަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ކިޔެވުމަށް 10 ފުރުސަތު އަދި ރާއްޖެއިން ބޭރުން ކިޔެވުމަށް 20 ފުރުސަތު ހިމެނެއެވެ.
ރާއްޖޭގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އިސްލާމީ ޔުނިވަރސިޓީ، ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖުން މާސްޓަރސް އަދި ޕީ.އެޗް.ޑީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި އިސްލާމިކް ޝަރީޢާ، ޤުރުއާނިކް ސައިންސެސް، އަދި އިސްލާމިކް ބޭންކިންގ ފަދަ ދާއިރާތައް ހިމެނެއެވެ. ރާއްޖެއިން ބޭރުން ކިޔެވުމަށް މެލޭޝިއާ، ބުރުނާއި އަދި ޕާކިސްތާނުގެ މަޝްހޫރު އިސްލާމީ ޔުނިވަރސިޓީތަކުން ޑިގްރީ، މާސްޓަރސް އަދި ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން، ސާކް ޤައުމުތަކުގައި އަންހެނުންގެ ޚާއްސަ ބަލިތަކަށް ބޭނުންވާ އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް 5 ޚާއްސަ ސްކޮލަރޝިޕް ވަނީ ހަމަޖައްސާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާއާއި މިސްރުގައި އިސްލާމީ ދާއިރާތަކުން ކިޔަވަމުންދާ، އަދި އާއިލާއާއެކު ޔުނިވަރސިޓީން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް 5 ސްޓައިޕެންޑް އެހީގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިން ކަމުގައި ވާންޖެހެއެވެ. އަދި އެއީ ކިޔެވުމުގެ މާލީ ފުދުންތެރިކަން ނެތް، އަދި ދައުލަތުގެ އެހެން އެއްވެސް ސްކޮލަރޝިޕެއް ނުވަތަ ލޯނެއްގެ އެހީ ލިބެމުންދާ ފަރާތަކަށް ވެގެން ނުވާނެއެވެ. ކިޔަވަން ހުށަހަޅާ ކޯހަކީ އިސްލާމިކް މޮޑިއުލްތައް ހިމެނޭ ކޯހަކަށް ވާންޖެހޭނެ ކަމަށް ވެސް ޒަކާތު ހައުސްއިން ބުނެއެވެ.
ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 3021414 އަށް ގުޅުއްވުމަށް ޒަކާތު ހައުސްއިން އިލްތިމާސްކުރެއެވެ.






ރިއެކްޓް