ޚަބަރު

ގެއްލުނު ޑައިވަރުން ހޯދަން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

15 މޭ 2026 - 19:34
ގެއްލުނު ޑައިވަރުން ހޯދަން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަސް ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރުއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން މިހާރު ދަނީ ކުރަމުންނެވެ. މި އޮޕަރޭޝަނުގައި ސަފާރީއަކާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާގައި ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ އިރުއޮއްސި 18:13 ހާއިރު ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން، ކޭވްއެއްގެ ބޭރުންނެވެ. މި ހަށިގަނޑު ފެނުނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.

އެމްއެންޑީއެފްއިން ލަފާކުރާ ގޮތުގައި ބާކީ ތިބި ހަތަރު ޑައިވަރުން ތިބީ ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. މިހާރު ވަނީ ފުރަތަމަ ސަރޗް ޑައިވް ނިންމާލާފައެވެ. މި ޑައިވްގައި ކޭވް ހުޅުވޭ ހިސާބު ލޮކޭޓްކޮށް، ބެލޫން ލައިގެން ވަކި ހިސާބަކަށް އަޑިއަށް ގޮސް ވަނީ ބަލާފައެވެ. އަދި މިހާރު ދަނީ ދެވަނަ ޑައިވްއަކަށް ތައްޔާރުވަމުންނެވެ.

މިއީ ވަރަށް ނުރައްކާތެރި، "ހައި ރިސްކް" އޮޕަރޭޝަނެއްގެ ގޮތުގައި އެމްއެންޑީއެފްއިން ވަނީ ސިފަކުރައްވާފައެވެ. މި ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ހަރަކާތްތެރިވަމުންދާއިރު، ސްރީލަންކާގައި ހުންނަވާ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުވެސް މިވަގުތު ހުންނެވީ އެމްއެންޑީއެފްގެ އޮފިޝަލުންނާއެކު އެ މަނަވަރުގައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ ގޮންޖެހުންތަކާއެކުގައެވެ. އެމްއެންޑީއެފްއިން ދަނީ މެދުކެނޑުމެއްނެތި މި އޮޕަރޭޝަން ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0