ރައީސް މުއިއްޒުގެ ޒާތީ ކަންކަމަށް ދައުލަތުގެ ބާރުތައް ބޭނުންކުރުން ގޯސް: ވައްޑެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒާތީ އަދި ލޯބީގެ މައްސަލައެއް ހައްލުކުރުމަށް ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުންކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ވައްޑެ މިހެން ވިދާޅުވީ ނޫސްވެރިން ނުހައްގުން ޖަލަށްލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، މި މައްސަލައާ ގުޅިގެން ރައްޔިތުންގެ އަނގަބަންދު ކުރުމަށްޓަކައި ރައީސް މުއިއްޒު ދައުލަތުގެ ހުރިހާ ގުނަވަނެއް ބޭނުންކުރައްވަމުން ގެންދަވާ ކަމަށެވެ.
"ދޮންހިޔަލާއި އަލިފުޅުގެ ވާހަކައަށްވުރެވެސް މަތީ މިންވަރަކަށް ދައުލަތުގެ އާރާއި ބާރާއި ޝާނާއި ޝައުކަތު ބޭނުން ކުރައްވައިގެން ޖިންސުއްލަތީފެއް ހާސިލްކުރައްވަން މުއިއްޒު އެ އުޅުއްވާ އުޅުން ހުއްޓާލައްވަން އަޅުގަނޑު ދަންނަވާލަން." ވައްޑެ ވިދާޅުވި އެވެ.
ނޫސްވެރިންގެ ހައްގުގައި ބޭއްވި މި މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ އާންމުން ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ ރައީސް މުއިއްޒު ސަރުކާރުން ނޫސްވެރިންނާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ދިން ހަމަލާއެއްގެ ގޮތުގައި މުޒާހަރާގެ ބައިވެރިންނާއި ގިނަ ރައްޔިތުން ދަނީ ސިފަކުރަމުންނެވެ. ރައްޔިތުންގެ ޝުއޫރުތަކަށް ހުރަސްއަޅައި، ބާރުގެ ބޭނުންކޮށްގެން އަޑުތައް ކަނޑުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ބުނެ އެވެ.
ރޭ ބޭއްވި މި އިހުތިޖާޖުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. މި އެއްވުމަކީ ރައްޔިތުންގެ ފާޑުކިޔުންތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.






ރިއެކްޓް