އެމްޖޭއޭ އިން ގެގް އޯޑަރު އިސްތިއުނާފުކުރަނީ
މިކަން ކުށްވެރިކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ އެ އަމުރަކީ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމުކުރާ، ލީގަލިޓީ، ނެސެސިޓީ އަދި ޕްރޮޕޯޝަނަލިޓީގެ މިންގަނޑުތަކަށް ފެތޭ އަމުރެއް ނޫން ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. މިފަދަ އަމުރެއް ނެރެފައި ވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ދައުލަތުން އެފަދަ އަމުރަކަށް އެދުމުންނެވެ.
އެމްޖޭއޭ އިން ބުނީ ކަމާބެހޭ ކޯޓުގައި މި އަމުރު އިސްތިއުނާފުކުރުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ. މި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.






ރިއެކްޓް