ދިފާއުވުމުގެ ފުރުސަތު ނުދީ ނޫސްވެރިން ޖަލަށްލުން ޓްރާންސްޕޭރެންސީ އިން ކުށްވެރިކޮށްފި
ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން ޖަލަށްލުމަށް ކުރި ހުކުމް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެ ޖަމިއްޔާއިން ވަނީ މި ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ވެސް ގޮވާލާފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ނިންމާފައިވާއިރު، ޝަހުޒާން ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 15 ދުވަހަށެވެ. މި ދެ ނޫސްވެރިންގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު "އަނގަ ބަންދުކުރުމުގެ އަމުރު" ގައި ބުނާ ކަންކަމާ ޚިލާފުވެފައިވާ ކަމަށް ކޯޓުން ނިންމުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގައި މިފަދަ އަމުރަކާ ޚިލާފުވެގެން ނޫސްވެރިންގެ މައްޗަށް ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.
ކޯޓުގެ ނިންމުމުގައިވާ ގޮތުން، ލީވާންގެ މައްޗަށް ކުށް ސާބިތުވީ އެ ކޯޓުން ވާހަކަ ނުދެއްކުމަށް އަމުރުކޮށްފައިވާ ޑޮކިއުމެންޓަރީއެއްގެ މަޢުލޫމާތު ނޫސް އާޓިކަލްއެއްގައި ހިމެނުމުންނެވެ. އަދި ޝަހުޒާންގެ މައްޗަށް ކުށް ސާބިތުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެ އަމުރަށް ފެތޭ ސުވާލެއް ކުރުމާ ގުޅިގެންނެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުޞަތު ނުދީ މިފަދަ ހުކުމެއް ކުރުމަކީ އަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤާއި ޤާނޫނީ ރައްކާތެރިކަމާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ. މި މައްސަލައިގެ ޝަރީޢަތް ކުރިއަށްދިޔައިރު، ދިފާޢީ ވަކީލަކު ހޯދުމަށް ކޯޓުން އެ ދެމީހުންނަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުގެ ފުރުޞަތެކެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ނުހަނު ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނޫސްވެރިންނަށް ޤާނޫނީ ވަކީލަކު ހޯދުމަށް އެކަށީގެންވާ ވަގުތު ނުދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
މި ޑޮކިއުމެންޓަރީގެ މައްސަލައިގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާ އުފުލާފައެވެ.






ރިއެކްޓް