ޚަބަރު , ސިޔާސީ

ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް

12 މޭ 2026 - 18:24
ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، ދެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. 

މި މައްސަލައިގައި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރިއިރު، ޝަހުޒާން ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 15 ދުވަހަށެވެ.

މި ދެ ނޫސްވެރިންގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު “އަނގަ ބަންދުކުރުމުގެ އަމުރު” ގައި ބުނާ ކަންކަމާ ޚިލާފުވެފައިވާ ކަމަށް ކޯޓުން ނިންމުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގައި މިފަދަ އަމުރަކާ ޚިލާފުވެގެން ނޫސްވެރިންގެ މައްޗަށް ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން، ލީވާންގެ މައްޗަށް ކުށް ސާބިތުވީ އެ ކޯޓުން ވާހަކަ ނުދެއްކުމަށް އަމުރުކޮށްފައިވާ ޑޮކިއުމެންޓަރީއެއްގެ މަޢުލޫމާތު ނޫސް އާޓިކަލްއެއްގައި ހިމެނުމުންނެވެ. އަދި ޝަހުޒާންގެ މައްޗަށް ކުށް ސާބިތުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ، އެ އަމުރަށް ފެތޭ ސުވާލެއް ކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގެ ޝަރީޢަތް ކުރިއަށްދިޔައިރު، ދިފާޢީ ވަކީލަކު ހޯދުމަށް ކޯޓުން އެ ދެމީހުންނަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުގެ ފުރުޞަތެކެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ނުހަނު ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޑޮކިއުމެންޓަރީގެ މައްސަލައިގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާ އުފުލާފައެވެ. 

ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އެ ޑޮކިއުމެންޓަރީގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރެއް ނެރެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0