ޚަބަރު

"އަދަދު" ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކޮށްފި

12 މޭ 2026 - 00:03
"އަދަދު" ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިން ވެއްދުން ހުއްޓުވައި، އެ ނޫހުގެ ނޫސްވެރިންނަށް ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުދޭން ނިންމައިފިއެވެ.

"އަދަދު" ނޫހުން ބުނެފައިވާ ގޮތުގައި އެ ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސަށް ހާޒިރުވުމުން، އެ ނޫސްވެރިންނަށް ވަނުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ. މި ނިންމުން ނިންމި ސަބަބެއްކަމުގައި ރައީސް އޮފީހުން ބުނެފައިވަނީ "2026 މޭ 11 ވީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2026 ޤަޟިއްޔާއިން އެ ކޯޓުން ބަލަމުންދާ މައްސަލައިގައި 2026 މޭ 10 ވަނަ ދުވަހު ކޮށްފައިވާ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" އާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޛާން ޢަމަލުކޮށްފައިވާތީ" މިފަދައިންނެވެ.

މި ފިޔަވަޅާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަކި މީޑިއާއެއް ތަފާތުކޮށް، ނޫސްވެރިންގެ ބައްދަލުވުންތަކުން ބޭރުކުރުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހުރަސް އެޅޭ ކަމެއް ކަމަށް ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ އިރު، ދައުލަތުގެ މައުލޫމާތު ހާމަކުރާ ބައްދަލުވުންތަކުން ވަކި މީޑިއާއެއް ބައިވެރިވުން ހުއްޓުވުމާ މެދު ޤާނޫނީ ސުވާލުތައް އުފެދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0