ކޯޓު އަމުރާ ހިލާފުވި ކަމަށްބުނެ ލީވާނާއި ޝަހުޒާން ކޯޓަށް ހާޒިރުކުރަނީ
'އައިޝާ' ޑޮކިއުމެންޓަރީގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވި ކަމަށް ބުނެ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ކޯޓަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ.
ލީވާން އަލީ ނަސީރަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، ރޭގެ ވަގުތެއްގައި 'އަދަދު' ނޫހުގައި ޝާއިއުކުރި އާޓިކަލްއަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުވާން ޖެހޭ ކަމަށެވެ. ރޭ އަދަދު ނޫހުން ކްރިމިނަލް ކޯޓުގެ އަމުރު ރިޕޯޓުކޮށް ލިޔުނު ހަބަރު ލިޔެފައިވަނީ ލީވާނެވެ.
ލީވާން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
ޝަހުޒާން ކޯޓަށް ހާޒިރުކުރަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކާ ގުޅިގެންނެވެ. ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ދަންވަރު ގަޑިއެއްގައި ރައީސް ގުޅުއްވާފައިވާ ކަމުގެ ކޯލް ލޮގުތައް އެބަހުރި ކަމަށް ބުނެ ޝަހުޒާން ކުރި ސުވާލަކީ ކޯޓު އަމުރާ ހިލާފު ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވާން ޖެހެނީ މާދަމާ މެންދުރު 1:00 އަށެވެ.
މި މައްސަލައާ ގުޅިގެން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 'އައީޝާ' ޑޮކިއުމެންޓަރީގެ މައްސަލާގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ.
ކްރިމިނަލް ކޯޓުން ކުރިން ވަނީ އެ ޑޮކިއުމެންޓަރީގެ ވާހަކަ ނުދެއްކުމަށް އަމުރެއް ނެރެފައެވެ.






ރިއެކްޓް