ޚަބަރު

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

11 މޭ 2026 - 19:20
މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ކުރަމުންދާ ދުވަސްވަރެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރިކޯޑު ކުރެވިފައިވަނީ އައްޑޫ ސިޓީ ގަމަށެވެ. އެ ރަށަށް 47.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ވަނީ އަންގާފައެވެ. ދަތުރަށް ފެށުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމަށާއި، ގަދަ ވަޔާއެކު އެއްޗެހި އުދުހިގެންގޮސްދާނެ ފަދަ ހާލަތްތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް މެޓް އޮފީހުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0