އީދު ބަންދުގެ ކުރިން އިންފްލުއެންޒާ ވެކްސިން ޖަހަން އިލްތިމާސް ކޮށްފި
މިދުވަސްވަރު އިންފްލުއެންޒާ ރޯގާ ގަދައަށް ފެތުރެމުންދާތީ، ކުރިއަށް އޮތް ބޮޑު އީދުގެ ބަންދުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ވައިރަސްއަކުން ޖެހޭ މި ރޯގާ މި ދުވަސްވަރު އިތުރުވަމުންދާކަން ފާހަގަކޮށް، އެކަމަށް ސަމާލުވުމަށް އެދިފައެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ، އިންފްލުއެންޒާ ވެކްސިން ޖަހަން އެންމެ އެކަށީގެންވަނީ އީދު ބަންދުގެ ދެ ހަފުތާ ކުރިން ކަމަށެވެ. "ހަށިގަނޑުގައި ވެކްސިން މަސައްކަތް ކުރަން ދެ ހަފުތާ ނަގާނެ،" ޑޮކްޓަރު ވިދާޅުވިއެވެ. އީދު ބަންދަކީ މީހުން ގިނައިން އެއްވެ، ހޭލަމޭލަވެ އުޅޭ ދުވަސްވަރަކަށް ވެފައި، އިންފްލުއެންޒާއަކީ ފަސޭހަކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ މި ދުވަސްވަރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، އިންފްލުއެންޒާ އާއި އާދައިގެ ރޯގާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް، މިއީ ތަފާތު ދެ ވައިރަސްއަކުން ޖެހޭ ބަލިތަކެކެވެ. އަދި އާދައިގެ ރޯގާއަށް ވުރެ އިންފްލުއެންޒާގެ ސަބަބުން ކުރާ އަސަރު ބޮޑުވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ރޯގާ ޖެހުމާއި، ގައިގާ ރިއްސުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ.
މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ހަކުރު ބައްޔާއި ލޭމައްޗަށް ދިއުން ފަދަ ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ. މި ދުވަސްވަރު އިންފްލުއެންޒާގެ އިތުރުން ޑެންގީ އާއި އަރިދަފުސް ރޯގާ ވެސް ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރެމުންދާކަން ފާހަގަކުރެވެއެވެ.






ރިއެކްޓް