ޚަބަރު

"އައިޝާ" ޑޮކިއުމެންޓަރީ މައްސަލާގައި އީޝާގެ މައްޗަށް ދަޢުވާކުރެވޭ ވަރަށް ހެކި ހުރިކަމަށް ނުބެލެވޭ: ދިފާޢީ ވަކީލު

6 މޭ 2026 - 18:56
"އައިޝާ" ޑޮކިއުމެންޓަރީ މައްސަލާގައި އީޝާގެ މައްޗަށް ދަޢުވާކުރެވޭ ވަރަށް ހެކި ހުރިކަމަށް ނުބެލެވޭ: ދިފާޢީ ވަކީލު

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހަށް ހާޒިރުކުރި އީޝާ އަޝްރަފުގެ މައްޗަށް ދަޢުވާކުރެވޭ ވަރަށް ހެކި ހުރިކަމަށް ނުފެންނަ ކަމަށް އީޝާގެ ދިފާޢީ ވަކީލު، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ތަހުގީގަށް އީޝާގެ ބަޔާން ދިނުމަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ޝަމީމް ވިދާޅުވީ މައްސަލައިގައި ފާހަގަކުރެވޭ އިޖުރާއީ ބައެއް އައިބުތައް އެބަހުރި ކަމަށާއި ޕީޖީން މި މައްސަލަ ކޯޓަށް ފޮނުވާނެ ކަމަށް ނުބެލެވޭ ކަމަށާއި ކޯޓަށް ފޮނުވާ ވަރަށް ހެކި ހުރި ކަމަކަށްވެސް ނުބެލެވޭ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއްނުވޭ މި މައްސަލަ ޕްރޮސެކިއުޝަނުން ކޯޓަށް ފޮނުވާނެ ހެނެއްވެސް، ކޯޓަށް ފޮނުވާ ވަރަށް ހެކިވެސް ހުރި ހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ. މިދެންނެވީ އަޅުގަނޑުމެންނަށް [އީޝާއަށް] ކުރިމަތިކުރި ސުވާލުތަކަށް ބަލާއިރުގަ، ދެން އަޅުގަނޑުވެސް ދުވަސްކޮޅެއްވެއްޖެ މިކަހަލަ ކަންތައްތައް ކުރާތާ، ކުރިމަތިކުރި ސުވާލުތަކަށް ބަލާފަ ހިއެއްނުވޭ "ފެންހިފޭ، އޮއްޓަރުހުރި" ވާހަކައެއް ހުރި ހެނެއް އަދި ސާބިތުކުރެވޭ ވާހަކައެއްވެސް އޮތް ހެނެއް. ދެން ޝަރީޢަތަށް ގޮއްސިއްޔާ އަނެއްކާވެސް ދައްކާނެ ވަރަށް ބައިވަރު ވާހަކަ ހުންނާނެ." ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ޝަމީމު ވިދާޅުވިއެވެ.

އީޝާގެ ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރައްވާ ދެ ވަކީލުންވެސް ވަނީ "ކަން ހިނގައިދިޔަ ގޮތް" ކިޔައިދިނުމަށް ފުލުހުން ފުރުސަތު ދީފައި ނުވާކަމަށެވެ. ނަމަވެސް ޝަރީޢަތަށް މައްސަލަ ފޮނުވައިފިނަމަ އެވާހަކަތައް ހިއްސާކުރުމުގެ ފުރުސާތު ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.

ރޭގެ ވަގުތެއްގައި ހުޅުމާލޭ ފޮލިސް ސްޓޭޝަނަށްވެސް އީޝާ ވަނީ ހާޒިރުކޮށްފައެވެ. މިއަދު ހެންވޭރު ޕޮލިސް ސްޓޭޝަނަށް އީޝާ ހާޒިރުކޮށް އީޝާގެ ބަޔާން ނަގާފައިވާ ކަމަށާއި މި މައްސަލާގައި އީޝާގެ ތަހުގީގު ނިމުނީ ކަމަށް ފުލުހުން ބުނެފައިވާކަމަށްވެސް ދިފާޢީ ވަކީލު ފާހަގަކުރެއްވިއެވެ.

މިދިޔަ މާޗު މަހު ނެރުނު މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ 'އަދަދު' ނޫހުގެ އިދާރާ ފާސްކޮށް، އެތަނުގެ ކޮމްޕިއުޓަރު ސާމާނުތައް ގެންގޮސްފަ އެވެ. މީގެ އިތުރުން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ އިތުރުން އީޝާގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓާފަ އެވެ. މީގެ ކުރިން ފިޔާޒާއި ހަސަން ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފަ އެވެ.

މި ސަރުކާރުގެ ރައީސް އޮފީހާއި އެހެން ބައެއް މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތައް ފުރުއްވި އީޝާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އީޝާގެ ފަރާތުން ފުލުހުންނަށް ފުރިހަމަ މައުލޫމާތު ދިނުމަށް ވަނީ ނިންމާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0