ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ދަތުރުފުޅުގައި ސްރީލަންކާއިން އަދާކުރި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ރައީސް ވަނީ ދެ ގައުމު ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަން ހާމަކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ލަންކާގެ ރައީސް ޑިސަނަޔަކެގެ އިތުރުން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ޖުމްލަ ހަތް އެމްއޯޔޫއެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ޑިފެންސް ދާއިރާއިން މީހުން ތަމްރީނު ކުރުމާއި، ތައުލީމު ހާސިލު ކުރުމުގެ އިތުރުން އެ ދާއިރާއިން ދިރާސާތައް ކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ. މީގެއިތުރުން، ދެ ގައުމު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
އިތުރު އެމްއޯޔޫތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ތައުލީމީ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ އިތުރުން ދެ ގައުމުގެ ތާރީހީ ލިޔެކިޔުންތައް އާކައިވް ކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ އެމްއޯޔޫއެއް އައު ކުރުމަށް ވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކޮށްފަ އެވެ.
މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.






ރިއެކްޓް