ބޭހެއް ނުލިބޭ، މިއީ ޤައުމީ ބޮޑު މައްސަލައެއް: އާސަންދަ އެމްޑީ
ރާއްޖޭގައި ބޭސް ނުލިބުމުގެ މައްސަލައަކީ ޤައުމީ ބޮޑު މައްސަލައެއް ކަމަށާއި، އާސަންދަ ސްކީމްގެ ތެރެއިން ބޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ބޭސް ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާ ވަނީ އާސަންދަ ސްކީމުން ބޮޑު ހޭދައެއް ކުރާއިރުވެސް ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ނާންނަކަން ފާހަގަކުރައްވާފައެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި އާސަންދަ ސްކީމްގެ މައިގަނޑު ޒިންމާއަކީ ސްކީމް ތަންފީޒުކުރުން ކަމަށްވީ ނަމަވެސް، ފާމަސީތަކުގެ ސްޓޮކް ބެލެހެއްޓުމާއި ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ހަމަޖެއްސުމުގައި ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް 'އެސެންޝަލް މެޑިސިން ލިސްޓް' ގައި ހިމެނޭ ކޮންމެހެން ހުންނަންޖެހޭ ބޭސްތައް ފާމަސީތަކުގައި ހުރިތޯ ބެލުމުގެ ނިޒާމު ހަރުދަނާ ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ގެންގުޅޭ ނިޒާމުގެ ސަބަބުން ބޭހުގެ ބްރޭންޑްތައް ވަރަށް އަވަހަށް ބަދަލުވާކަން ފާހަގަކުރައްވަމުން ޒީނިޔާ ވިދާޅުވީ، މީގެ ސަބަބުން އާސަންދަ ލިސްޓަށް އެ ބޭސްތައް އަލުން އިތުރުކުރުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން މާކެޓްގައި ބޭހުގެ އަގު ކޮންޓްރޯލް ކުރާނެ ގައުމީ ފެންވަރުގެ މެކޭނިޒަމެއް ނެތުމުގެ ނަތީޖާއެއްގެ ގޮތުން، ބައެއް ފާމަސީތަކުން 500 އާއި 600 އިންސައްތައާ ދެމެދުގެ ބޮޑު ފައިދާއެއް ނަގަމުންދާކަން ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭސް ސިޓީގައި ބޭހުގެ ޖެނެރިކް ނަން ލިޔުމުގެ ނިޒާމެއް ފެށި ނަމަވެސް، އެކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަން އާސަންދަ އެމްޑީ ފާހަގަކުރެއްވިއެވެ. ފާމަސީތަކުން ދަށް ކޮލިޓީގެ ބޭސް ދޫކުރާ ކަމުގެ ޝަކުވާތަކާ ގުޅިގެން ޒީނިޔާ ވިދާޅުވީ، "އެމްއެފްޑީއޭ އިން ހުއްދަދީފައިވާ ކޮންމެ ބޭސަކީ ކޮލިޓީ ބޭހެއް ކަމަށް އާސަންދައިން ގަބޫލުކުރާ" ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާސަންދަ ދޫކުރާ 800 އަށްވުރެ ގިނަ ފާމަސީ ހުރިއިރު، ސްކީމްގެ ދަށުން 30،000 އަށްވުރެ ގިނަ ބޭސް ކަވަރުކޮށްދެއެވެ. ނަމަވެސް މިހާ ބޮޑު ނިޒާމެއް އޮވެމެ، ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ މުޅި ގައުމީ ފެންވަރުގައި ދިރާސާކޮށް އަވަސް ހައްލެއް ހޯދަންޖެހިފައިވާ ކަމެއް ކަމަށް ޒީނިޔާ ވިދާޅުވެ ވާހަކަ ނިންމަވާލެއްވިއެވެ.






ރިއެކްޓް