ޚަބަރު , ސިޔާސީ

ސްރީލަންކާއާއެކު ހަތް އެމްއޯޔޫއެއްގައި ސޮއިކޮށްފި

5 މޭ 2026 - 13:15
ސްރީލަންކާއާއެކު ހަތް އެމްއޯޔޫއެއްގައި ސޮއިކޮށްފި
ޕޮޓޯ: ރައީސް އޮފީސް

ތައުލީމީ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި އަސްކަރީ ދާއިރާ ހިމެނޭހެން އެކު ޖުމުލަ ހަތް އެމްއޯޔޫއެއްގައި ސްރީލަންކާ އާއެކު ދިވެހިރާއްޖެއިން އިއްޔެ ސޮއިކޮށްފި އެވެ.

ދެ ގައުމުގެ ދެމެދުގައި މި އެމްއޯޔޫތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި ކެބިނެޓުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި އަސްކަރީ ދާއިރާގެ ދެ އެމްއޯޔޫ ހިމެނެ އެވެ. އެއީ ޑިފެންސް ދާއިރާއިން މީހުން ތަމްރީނު ކުރުމާއި ތައުލީމު ހާސިލު ކުރުމުގެ އިތުރުން އެ ދާއިރާއިން ދިރާސާތައް ކުރުމުގެ އެއްބަސްވުމަަކާއި ދެ ގައުމު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އެމްއޯޔޫއެކެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ އެމްއޯޔޫއަކާއި، ތައުލީމީ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ އެމްއޯޔޫއެއްގެ އިތުރުން ދެ ގައުމުގެ ތާރީހީ ލިޔެކިޔުންތައް އާކައިވް ކުރުމުގެ އެމްއޯޔޫއެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ އެމްއޯޔޫއެއް އައު ކުރުމަށް ވެސް މިއަދު އޮތް ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެ ގައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓުގައި ދެއްވި ތަގުރީރުގައި ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން އިތުރު ފުޅާ ކުރުމަށާއި، ސަރަހައްދީ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އާއެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ މިއަދު ސޮއިކުރި އެއްބަސްވުންތަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެ ގައުމުގެ ބޮޑު ވަޒީރާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0