ޚަބަރު , ސިޔާސީ

އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ

4 މޭ 2026 - 19:55
އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ އާމިނަތު ޝިރުނާ މިއަދު އައްޔަނުކުރައްވައިފިއެވެ.

އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަނުކުރައްވާފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ހީނާ ވަލީދު، މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން ހުސްވި މަގާމަށެވެ.

އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިރުނާ ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. މި ސަރުކާރުގެ ކުރީކޮޅު، 13 ޑިސެމްބަރު 2023 ގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމަށްފަހު، އެންމެ ފުރަތަމަ އޭނާއާ ހަވާލުކުރައްވާފައި އޮތީ މޯލްޑިވިއަން ބްލަޑް ސާވިސަސް ނުވަތަ ތެލެސީމިއާ ސެންޓަރުގެ ކަންކަން ބެލެހެއްޓެވުމުގެ ޒިންމާއެވެ.

ޝިރުނާ ވަނީ މީގެ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އޗްޕީއޭ) އާއި ދަމަނަވެށީގެ އިތުރުން ބްލަޑް ބޭންކުގެ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވާފައެވެ. ޚާއްސަކޮށް އާންމު ސިއްހަތު ކުރިއެރުވުމަށް އެޗްޕީއޭއިން ހިންގާ ޕްރޮގްރާމްތަކާއި، ދަމަނަވެށިން ދޭ ވެކްސިން ދިނުމުގެ ޚިދުމަތްތައް ވިލަރެސްކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ސިއްހީ ދާއިރާގެ ސިޔާސީ މަގާމްތައް އަދާކުރެއްވުމުގެ ކުރިން ޝިރުނާ ވަނީ ނަރުހެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. މި ތަޖުރިބާއާއެކު އޭނާ އެންސްޕާއާ ހަވާލުވެވަޑައިގަތުމަކީ އެ އެޖެންސީގެ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0