ޚަބަރު

މިލަންދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެ

4 މޭ 2026 - 19:37
މިލަންދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެ
ފޮޓޯ: މީސްމީޑިއާ

ށ. މިލަންދޫގައި ތަރައްގީކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމާލައިފިއެވެ.

ހައުސިންގް މިނިސްޓްރީގެ ނައިބު މުޙައްމަދު ނާޝިދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މިލަންދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ 25.90 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.

މިލަންދޫގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސް ވަނީ މި ދައުރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިލަންދޫގެ ތަރައްގީގެ މި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0