ގުގުރާނެކަމަށް ލަފާކޮށް 4 އަތޮޅަކަށް ޔެލޯ އެލާޓް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ރީނދޫ ސަމާލު ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:00 އާ ހަމައަށެވެ. މެޓް އޮފީހުން ބުނި ގޮތުގައި މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބާރަށް ގުގުރުމާއެކު، ކެރީގެ އަސަރު ފޯރާނެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ޖުމްލަކޮށް މުޅި ރާއްޖެއަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މިގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، މެދު ރާއްޖެތެރެއާއި ދެކުނަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ރޭ ފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާ ދިމާވާ، "ދެމޫސުން ބެދޭ" ވިއްސާރައެވެ.






ރިއެކްޓް