ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން އެމްޖޭއޭ އިން ސަރުކާރަށް 9 ކަމެއް ހުށަހަޅައިފި
ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ނުވަ ކަމެއް ހުށަހަޅައިފިއެވެ.
މި ހުށަހެޅުންތައް ހުށަހަޅާފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައެވެ.
އެމްޖޭއޭގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާމެދު އެ ޖަމްއިއްޔާއިން އިންތިހާއަށް ކަނބޮޑުވެއެވެ. ވަކިން ހާއްސަކޮށް، 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާތީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެއް ކަމަށް އެ ޖަމްއިއްޔާއިން ދެކެއެވެ. .
ނޫސްވެރިންނަށް ބިރުދެއްކުމާއި، ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އެމްޖޭއޭ އިން ބުނެއެވެ.
އެ ޖަމްއިއްޔާއިން ސިފަކުރި ގޮތުގައި އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫސްވެރިން ކުރާ މަސައްކަތްތައް ހުއްޓުވައި ބިރުދެއްކުމަށް ހިންގާ އަމަލުތަކެކެވެ. .
ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ކަށަވަރުކޮށް، ނޫސްވެރިންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ގާއިމްކުރުމަށްޓަކައި އެމްޖޭއޭ އިން ވަނީ ނުވަ ކަމެއް ހުށަހަޅައި، އެ ކަންކަން ވަގުތުން ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
އެމްޖޭޢޭ އިން ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތައް.
2. 'އަދަދު' ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ކުރާ ޖިނާއީ ރުހުމަތުތަކާއި ތަހުގީގުތައް ހުއްޓާލުން: އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ވިދިގެން އެ ނޫހާއި އެ ނޫހުގެ އެޑިޓަރުންކަމަށްވާ ހުސެއިން ފިޔާޒް މޫސާ އާއި ހަސަން މުހައްމަދުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ތުހުމަތުތަށް އަނބުރާ ގެނެސް ޖިނާއީ ތަހުގީގުތަށް ވަގުތުން ހުއްޓާލުން. އަދި ފުކުހުން އެ ނޫހުގެ އިދާރާއިން ގެންދިޔަ ތަކެތި ޝަރުތަކާ ނުލައި އަނބުރާ އެ އިދާރާއާއި ހަވާލުކުރުން.
3. އެޑިޓަރުންގެ ޓްރެވަލް ބޭން އުވާލުން: އަދަދު ނޫހުގެ ދެ އެޑިޓަރުނއ ކަމަށްވާ ހުސެއިން ފިޔާޒް މޫސާ އާއި ހަސަން މުހައްމަދުގެ މައްޗަށް އޮތް ފުރުން މަނާކުރުމުގެ އަމުރު ވަގުތުން އުވާލުން.
4. ނޫސްވެރިންނާއި މީޑިއާތަކުގެ މައްޗަށް ޖިނާއީ ތަހުގީގުތަށް ނުކުރުން: ނޫސްވެރިންގެ މަސައްކަތާއި އެ މީހުން ޝާއިރުކުރާ ކޮންޓެންޓަކާ ގުޅިގެން ނޫސްވެރިންނާއި މީޑިއާ އިދާރާތަކަށް ޖިނާއީ ތުހުމަތުކޮށް ތަހުގީގުތަށް ނުހިންގުން. އަދި އެފަދަ ކަންކަން ސަރުކާރުން ހުއްޓާލުން.
5. މަރު ކޮމިޝަނުގެ ރިޕޯޓާއި ޕަބްލިކް އިންކުއަރީ: ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، އަނިޔާވެރިކޮށް މަރާލި ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގައި 'މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން' އެކުލަވާފައިވާ ރިޕޯޓްތަށް އާންމުކޮށް، ހުޅުވާލެވިގެން މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުން.
6. ނޫސްވެރިންގެ ރައްކާތެރިކަން: ނޫސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ދޭ އިންޒާރުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުން އަދި ނޫސވެރިކަމުގެ ރައްކާތެރިކަން ކަށަވަރުކުރަން ހަރުދަނާ ގައުމީ ނިޒާމެއް ގާއިމުކުރުން. އަދި މުޒާހަރާތަށް ފަދަ ހަލަބޮލި ހާލަތްތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ލިބޭނޭކަން ކަށަވަރުކުރަން ވަގުތުން ފިޔަވަޅު އެޅުން.
7. އާރުޓީއައި ގާނޫނު ތަންފީޒުކުރުން: މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ހުރި ހުރަސްތައް ނައްތާލުން.
8. ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރުން. ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި ހުރި މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިސްލާހުކުރުން.
9. މީޑިއާ ގްރާންޓް ދިނުން އިސްލާހުކުރުން: މީޑިއާތަކަށް ދައުލަތުގެ ބަޖެޓޫން ދޭ ގްރާންޓ މިނިވަންކަމާއި އިންސާފުވެރިކަމާ އަދި ދެ ފުށް ފެންނަ ގޮތެއްގައި ދެވޭނޭކަން ކަށަވަރުކުރުން. އަދި އެކަމައްޓަކައި ނޫސްވެރިންނާއި، އެޑިޓަރުންނާއި ނޫސް އިދާރާތަކާއި މަދަނީ ޖަމްއިއްޔާތަށް އަދި ބައިނަލްއަގުވާމީ ފަރަތްތަކާ އެކު މަޝްވަރާކޮށް އެފަދަ ނިޒާމެއް އެކުލަވާލުން.
ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮވެ، ބާރުވެރި ފަރާތްތައް ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރެވޭނީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް އޮވެގެން ކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މިގޮތުން ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް އިތުރަށް ދަށަށް ދިޔަ ނުދިނުމަށްޓަކައި، މަތީގައިވާ ކަންކަމަށް ސަރުކާރުން ވަގުތުން އިޖާބަދިނުމަަށާއި އެކަމުގައި މީޑިއާގެ އެންމެހާ ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލި އެވެ.






ރިއެކްޓް