ޚަބަރު , ސިޔާސީ

މާލެ ސިޓީ ކައުންސިލަރުން ހުވާ ކުރުން ސޯޝަލް ސެންޓަރުގައި

3 މޭ 2026 - 08:20
މާލެ ސިޓީ ކައުންސިލަރުން ހުވާ ކުރުން ސޯޝަލް ސެންޓަރުގައި

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ދަރުބާރަށް ދައުލަތުގެ އިސްވެރިންނާއި، ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނަށް ދައުވަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ކުރިއަށްދާނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން، އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. އެލްޖީއޭއިން ވަނީ އާ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބާއްވަންޖެހޭ ގޮތުގެ ތަފްސީލީ އުސޫލުތައް މިހާރު އާންމުކޮށްފައެވެ.

އެލްޖީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެކަން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ރަށެއްގައި އާންމުކޮށް އިއުލާން ކުރަންޖެހޭނެއެވެ. އަދި ރަސްމިއްޔާތު އޮންނަ ގަޑިއަށް ފަނޑިޔާރަކަށް ހާޒިރުނުވެވޭ ހާލަތްތަކުގައި، އޮންލައިންކޮށް ހުވާލައިދިނުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ސީދާ ވަގުތުތައް މި ހަފުތާގެ ތެރޭގައި ފައިނަލްކޮށް ކައުންސިލްތަކަށް އަންގާނެއެވެ. މި ފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް 681 މެމްބަރުން އިންތިހާބުކޮށްފައިވެއެވެ.

ކައުންސިލަރުންގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވުނު 681 މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވާނެއެވެ. ގާނޫނުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ހުވައެއް ކުރަން ނުޖެހުނު ނަމަވެސް، ކައުންސިލަރުން ހުވާކުރާ ރަސްމިއްޔާތުގައި އެ ބޭފުޅުން އިގުރާރުގައި ސޮއިކުރައްވާނެއެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1,362 މެމްބަރުން ވަނީ އިންތިހާބުކޮށްފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0