ކިނބިދޫގައި ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
ތ. ކިނބިދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 29 ވާ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލަ ރިޕޯޓްކޮށްފައިވަނީ އެ ރޭ 20:40 އެހައިކަންހާއިރުއެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކިނބިދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، އިތުރު ފަރުވާ ބޭނުންވާތީ އެ މީހާ މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ މީހާއަށް ލިބިފައިވާ އަނިޔާތަކަކީ ސީރިއަސް އަނިޔާތަކެއް ނޫނެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.






ރިއެކްޓް