ޚަބަރު , ސިޔާސީ

ފިޔާޒު އާއި ހަސަން ފުލުހަށް ހާޒިރުވާން އަންގައިފި

28 އޭޕްރީލް 2026 - 18:19
ފިޔާޒު އާއި ހަސަން ފުލުހަށް ހާޒިރުވާން އަންގައިފި

"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ސަރުކާރުން އަންގައިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގައި ސުވާލުކުރުމަށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނާއި މެންދުރުފަހުގެ ވަގުތެއްގައެވެ. މީގެ އިތުރުން، މި މައްސަލައިގައި ޕާސްޕޯޓު ހިފަހައްޓާފައިވާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ވެސް ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް މިހާރު ވަނީ ޗިޓު ފޮނުވާފައެވެ.

ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ، "2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އާއިޝާ މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ" އެ ފަރާތްތައް ހާޒިރު ކުރަން ބޭނުންވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފައެވެ. އަދި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0