ޚަބަރު , ސިޔާސީ

"އައިޝާ" ޑޮކިއުމަންޓަރީ މައްސަލާގައި އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި

28 އޭޕްރީލް 2026 - 14:51
"އައިޝާ" ޑޮކިއުމަންޓަރީ މައްސަލާގައި އީޝާގެ ޕާސްޕޯޓް ހިފަހައްޓައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ 'އައިޝާ' ވީޑިއޯ ޑޮކިއުމަންޓަރީގެ މައްސަލާގައި، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވާފައިވާ އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފި އެވެ.

ހުޅުމާލޭގައި އީޝާ އަޝްރަފު ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވަނީ ރައްދުކޮށްދީފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން، އީޝާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ އެ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތެވެ.

މީގެ އިތުރުން، އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ފުޅާ ދާއިރާއެއްގައި ތަހުގީގުތައް ހިންގަމުންނެވެ.

މި މައްސަލާގައި ފުލުހުން ރޭ ވަނީ 'އަދަދު' ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި އެ ނޫހުގެ ބައެއް މުދާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފަ އެވެ.

އީޝާގެ އިތުރުން ފިޔާޒާއި ހަސަން ހިމެނޭ ގޮތަށް 'އަދަދު' ނޫހުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ "ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ" އެވެ. މި މައްސަލާގައި ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0