ހިޔާރޯދިގޭގައި ރޯކޮއްލި މައްސަލައިގައި ޝަޙްބާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހައްޔަރުކުރި މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) އެވެ.
މި ހާދިސާއަކީ 2026 މާރިޗު 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިންމާލާފައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގު ނިންމައި، ޝަޙްބާންގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި 2026 އޭޕްރީލް 21 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޝަޙްބާން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.






ރިއެކްޓް