ޚަބަރު

ދިޔާނާ، އާދަމް ޝަރީފް އަދި ތޯރިގް އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް

26 އޭޕްރީލް 2026 - 22:06
ދިޔާނާ، އާދަމް ޝަރީފް އަދި ތޯރިގް އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން މަގާމުން ވަކިކުރެއްވި ބައެއް ބޭފުޅުން ހިމެނޭހެން، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މި މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އާއި، ކުރީގެ ޓޫރިޒަމް އަދި އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެވެ.

މި ތިން ބޭފުޅުން އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރެއްވިކަން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ 'ވިރާސީ' އަށް ކަށަވަރުކޮށްދީފަ އެވެ. މިގޮތުން އާދަމް ޝަރީފް އުމަރު މިއަދު ވަނީ ވަޒީފާއަށް ނުކުމެވަޑައިގެން، ފޮރިން މިނިސްޓްރީއަށް ހާޒިރުވާން ފައްޓަވާފަ އެވެ.

އަލަށް އައްޔަންކުރެއްވި ދިޔާނާ ސައީދަކީ ދާދިފަހުން ބޭއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ އެއްކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި ހިޔާލު ފާޅުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިޔާނާ ސައީދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބެވެ.

އާދަމް ޝަރީފާއި ތޯރިގް އިބްރާހިމަކީ މީގެ ކުރިން ކެބިނެޓުގައި ތިއްބަވަނިކޮށް ރައީސް މުއިއްޒު މަގާމުން ވަކިކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުން މަގާމުން ވަކިކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، އޭރުގެ ކެބިނެޓުގެ 10 މިނިސްޓަރަކު މަގާމުން ވަކިކުރެއްވި އިރުގަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0