ޚަބަރު , ސިޔާސީ

މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

25 އޭޕްރީލް 2026 - 18:20
މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރި ހާދިސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޭޔަރަށް ހަމަލާދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ރައީސަށް ފެނިވަޑައިގެންފައިވާ ކަމަށާއި އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި މާލޭގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް ހަމަލާދީ ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.

މި ހާދިސާއާ ގުޅިގެން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، މިއީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ.

"މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން. ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ތަރުޖަމާނު ވިދާޅުވިއެވެ. އަދި މޭޔަރު ކުރެއްވި ތުހުމަތަކީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާނުވާ، ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގި ފަހުން މިހާތަނަށް އެމްޑީޕީގެ ފަރާތުން ނުވަތަ ސިޓީ ކައުންސިލުންވެސް ރަސްމީކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައި ނުވާތީ ތަރުޖަމާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ މިފަދަ ހާދިސާތައް ރިޕޯޓު ނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. ނަމަވެސް، ސޯޝަލް މީޑިއާއިން ވީޑިއޯ ފެނުމާއެކު ފުލުހުން މިހާރު އަމިއްލަ އިސްނެންގެވުމުގެ މަތިން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މާލެ ސިޓީގެ މޭޔަރަކީ އެދިވަޑައިގެންފިނަމަ ދައުލަތުން ސެކިއުރިޓީ ލިބޭނެ ބޭފުޅެއްކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮތް ނުރައްކާ ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހައްދަވަމުން ގެންދަވާ ކަމަށެވެ. އަދި އެފަދަ އެސެސްމަންޓަކުން ނުރައްކަލެއް އޮތްކަން ފާހަގަވެއްޖެނަމަ، ފުލުހުން އިސްވެސެކިއުރިޓީ ފޯރުކޮށްދޭނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0