ނަފްސާނީ މައްސަލަތަކުގައި ލަސްނުކޮށް އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފި
ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް ނެޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ނަމްބަރު 1677 އަށް ގުޅައި އެހީތެރިކަން ހޯދުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ގޮވާލައިފިއެވެ.
ނަފްސާނީ ބަލިތަކާ ގުޅުންހުރި ހިތާމަވެރި ހާދިސާތައް ފަހަކަށް އައިސް އިތުރުވަމުންދާތީ، އެކަމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެހީތެރިކަން ބޭނުންވާ ކޮންމެ މީހަކަށް ވެސް 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށެވެ.
ޞިއްޙީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މީގެ އިތުރުން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށް އާއިލާއާއި ރައްޓެހިން އަދި މުޖުތަމަޢު ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކުގެ މައްޗަށް ވެސް އެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.
އެގޮތުން، އެކަކު އަނެކަކުގެ ހާލު ބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމަށާއި، އަނެކާގެ ވާހަކަ ކަނުލާ އެހުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. "އަނެކާގެ ވާހަކަ ކަނުލާ އެހުން ނުވަތަ އޯގާތެރިވުމަކީ ވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ފަތުރާ ބައެއް މަޢުލޫމާތުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށް އިތުރު ހިތްދަތިކަމެއް ލިބިދާނެތީ، ހަޤީގަތާ ޚިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުފެތުރުމަށް ވެސް ޞިއްޙީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރުމަށް އެ ވުޒާރާއިން ވަނީ ބާރުއަޅާފައެވެ.






ރިއެކްޓް