ޗެއާޕާސަން އިންތިހާބަށް ހުޅުވާލި އިއުލާން ބާތިލް ކުރަން އަންގައިފި
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ހުޅުވާލައި އިއްޔެ ކުރި އިއުލާނަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނެރުނު އިއުލާނެއް ކަމަށް ބުނެ، އެ އިއުލާން ބާތިލުކުރަން ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހުން މިއަދު އަންގައިފި އެވެ. މި އެންގުން އަންގާފައިވަނީ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން ރާވައި ހިންގުން މަތިކޮށްފައިވަނީ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސްއާ ކަމަށެވެ. ނަމަވެސް އިއްޔެ ނެރުނު އިއުލާނުގައި އޮތީ އޭނާ އިރުޝާދު ދެއްވި ކަންކަމާ ހިލާފު ޓައިމްލައިނެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން އޭނާއަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް ޕާޓީގެ އެއްވެސް ގުނަނަކުން ނިންމުމަކީ އަސާސީ ގަވައިދާ ހިލާފަށް ކުރެވޭ ކަމެއް ކަމަށާއި އަދި ޕާޓީގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި މަސްލަހަތު ގެއްލިދާނެ ފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް މި ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެ މެންބަރުންނަށް ނާންގައި ޕީއެންސީއަށް ވައްދާފައިވާކަން ފާހަގަކުރައްވައި، އެ މެންބަރުންނަށް މި އިންތިހާބުގައި ފުރުސަތު ގެއްލޭ ގޮތަށް ކަންކަން ރޭވުމަކީ ކެންޑިޑޭޓުންނާއި މެންބަރުންގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހުން ވަނީ ޗެއާޕާސަންގެ އިންތިހާބު ހުޅުވާލުމަށް ކޮށްފައިވާ އިއުލާނާއި ޓައިމްލައިނަކީ ބާތިލު ނިންމުންތަކެއްގެ ގޮތުގައި އިއުލާންކޮށްދިނުމަށް އެދިފަ އެވެ.
އެމްޑީޕީން އިއްޔެ އިއުލާންކުރި ޓައިމްލައިންގައިވާ ގޮތުން، އަންނަ ޖޫން މަހުގެ 12 ގައި ބާއްވާ އިންތިހާބުގައި ވޯޓު ލެވޭނީ އިއްޔެގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް އެކަންޏެވެ.
މި ނިންމުމާ ގުޅިގެން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.






ރިއެކްޓް