ޚަބަރު , ސިޔާސީ

ފުރުސަތު ދިން ނަމަ ޕާޓީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ: ފައްޔާޒު

23 އޭޕްރީލް 2026 - 10:42
ފުރުސަތު ދިން ނަމަ ޕާޓީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ: ފައްޔާޒު

އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމަށް އެކަށީގެންވާ ފުރުސަތެއް ދިން ނަމަ، ޕާޓީގެ މެންބަރުންގެ އަދަދު 60،000 އަށް އެރުވޭނެ ކަމަށް އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒު ވިދާޅުވީ އިއްޔެ 44،000 މެންބަރުން އެމްޑީޕީގައި ތިއްބާ، މިއަދު އެ އަދަދު 50،000 އަށް އަރާފައިވާ ކަމަށެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު ފުރުސަތު ދީގެން މިކަން ކުރިނަމަ ޕާޓީގެ މެންބަރޝިޕް 60،000 އަށް އެރުވޭނެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އިއްޔެ ކުއްލިއަކަށް ހުޅުވާލުމާ ގުޅިގެންނެވެ. އެ އިއުލާނުގައިވާ އިންތިހާބުގެ ޓައިމްލައިންގައި ބުނެފައިވަނީ، ޗެއާޕާސަން އިންތިހާބުގައި ވޯޓްލުމަށް ޕާޓީއަށް މެންބަރުން ވެއްދުމުގެ އެންމެ ފަހު ތާރީހަކީ ރޭގެ 00:00 ކަމަށެވެ.

މި ދަނޑިވަޅަކީ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒު އިސްމާއިލް ގުޅިވަޑައިގެން "ބޮޑު ބަދަލު" ކިޔައިދިނުމަށް ބޮޑު ތިލަދުންމައްޗަށް ދަތުރެއް ކުރައްވަމުން ގެންދަވާ ވަގުތެކެވެ. މި ދަތުރުގެ ތެރެއިން ކުޅުދުއްފުށްޓާއި ދިއްދޫގެ ހަރަކާތްތައް ނިންމާލުމަށްފަހު، މިއަދު އެ ބޭފުޅުން އިހަވަންދުއަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0