'ބޮޑު ބަދަލު' ކިޔައިދޭން އަންނި އާއި ފަޔާ ބޮޑުތިލަދުންމައްޗަށް
ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަން ހުށަހަޅާފައިވާ "ބޮޑު ބަދަލު" ގެ ތަފްސީލުތައް ރައްޔިތުންނަށް ހިއްސާކުރުމަށްޓަކައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ބޮޑުތިލަދުންމައްޗަށް ދަތުރެއް ފައްޓަވައިފި އެވެ.
މި ދަތުރުފުޅުގައި އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުން އެ ބޭފުޅުން ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުގެ މައިގަނޑު ބޭނުމަކީ އަންނި އާއި ފަޔާ ހުށަހަޅުއްވާފައިވާ އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމެވެ.
އެ ރަށުގެ ގޭގެއަށް ޒިޔާރަތްކޮށް ޑޯޓުޑޯގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، އަލަށް އިންތިހާބުވި ކައުންސިލް މެންބަރުންނާއި އެ ރަށުގެ އާންމުނާއި ބައްދަލުކޮށް، މި ބަދަލުތަށް ތަފްސީލީ ގޮތަކަށް ކިޔައިދީފައިވެ އެވެ.
މި ދަތުރުފުޅުގައި ބޮޑުތިލަދުންމަތީގެ އެހެން ރަށްތަކަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހއ. ދިއްދޫ އާއި އެ އަތޮޅު އިހަވަންދޫއަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް "ބޮޑު ބަދަލު" ގެ ތަފްސީލުތައް ހިއްސާކުރެއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.






ރިއެކްޓް