ޚަބަރު

އެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ނޫން: ފުލުހުން

22 އޭޕްރީލް 2026 - 10:27
އެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ނޫން: ފުލުހުން

އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ދޮގުކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭގެ ވަގުތެއްގައި އެއްވުން ހިނގަމުންދިޔަ ސަރަހައްދުން ހޮސްޕިޓަލަށް ގެންދެވުނު މީހާއަށް ލިބުނު އަނިޔާއަކީ ނުވަތަ އޭނާގެ ހާލު ދެރަވުމަކީ ފުލުހުން އެއްވުން ކޮންޓްރޯލް ކުރުމަށް ހިންގި އެއްވެސް ހަރަކާތަކާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ސޯޝަލް މީޑިއާގައާއި އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރެމުންދާތީ އެކަމާ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރޭ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ހާދިސާތަކުގައި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ މީޑިއާތަކަށާއި، ކަމާބެހޭ އިދާރާތަކުގެ އިތުރުން އާންމު ރައްޔިތުންނަށްވެސް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0