ޚަބަރު , ސިޔާސީ

ރައީސް ނަޝީދާއި ފަޔާ އަށް އައްޑޫ މޭޔަރު ނިޒާރު ތާއީދު ކުރައްވައފި

21 އޭޕްރީލް 2026 - 22:50
ރައީސް ނަޝީދާއި ފަޔާ އަށް އައްޑޫ މޭޔަރު ނިޒާރު ތާއީދު ކުރައްވައފި
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ. މޭޔަރު ނިޒާރު މިކަން ހާމަކުރެއްވީ މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މޭޔަރު ނިޒާރު ވިދާޅުވީ ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ ހުދުމުހުތާރު ވިސްނުންތަކެއް ކަމަށް ފާހަގަކުރައްވައި، އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ދަތުރު ފަށަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނާޒުކު ދަނޑިވަޅުގައި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވަވައި، ޕާޓީގެ ހަރަކާތްތަކުގައި އަލުން ބައިވެރިވާން ނިންމެވުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފައްޔާޒު އިސްމާއިލަށް ރިޔާސީ ޓިކެޓް ހޯދައިދިނުމަށް ތާއީދުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ ވަރަށް ބޮޑަށް ތާއީދުކުރެވޭ އަގުހުރި ނިންމެވުމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. "އުސްތާޒް ފައްޔާޒަކީ ރާއްޖެއަށް ބޮޑެތި ސިޔާސީ އިސްލާހު ގެންނަންޖެހޭ މިދަނޑިވަޅުގައި ކެރިގެން އެކަން ކުރެވޭނެ ގާބިލްކަން ހުރި ސިޔާސީ ލީޑަރެއް،" ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ނިޒާރު ވަނީ މި ދެ ބޭފުޅުންނަށް ވެސް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0