ޚަބަރު , ސިޔާސީ

އެއްވެސް ފެކްޝަނަކަށް ނިސްބަތް ނުވަން، ރައީސް ސޯލިހުގެ ތާއީދު އެބައޮތް: މީކާއިލް

21 އޭޕްރީލް 2026 - 20:26
އެއްވެސް ފެކްޝަނަކަށް ނިސްބަތް ނުވަން، ރައީސް ސޯލިހުގެ ތާއީދު އެބައޮތް: މީކާއިލް
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވާހަކަދައްކަނީ. ފޮޓޯ: ވިރާސީ

ޕާޓީ ތެރޭގެ އެއްވެސް ފެކްޝަނަކަށް ނިސްބަތް ނުވާކަމަށާއި، ރައީސް ސޯލިހާއި، ޕާޓީގެ ރައީސް ޝާހިދުގެ ތާއީދު އެބައޮތްކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލްގެ "އިތުބާރު" ކެމްޕޭން ރަސްމީކޮށް ލޯންޗުކުރަން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ވަރަށް ގިނަ އާންމު މެންބަރުންގެ ތާއީދާއެކު މީގެ ހަ މަސް ކުރިން އޭނާ އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ކަމަށް ވާދަކުރާނެކަން އިއުލާން ކުރި ކަމަށާއި، އަދިވެސް އެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުރި ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މީކާއިލް ވިދާޅުވީ ޗެއާޕާސަން ކަމަށް ޕާޓީގެ އާންމު މެންބަރުންގެ ތާއީދާއި އިތުބާރު އޭނާއަށް އޮތް ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި އިންތިހާބުގައި ކާމިޔާބުވިޔަސް ނުވަތަ ނާކާމިޔާބު ވިޔަސް، އަބަދުވެސް ދެމިހުންނާނީ ޕާޓީގެ އާންމު މެންބަރުންނާ އެކުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ޗެއާޕާސަންގެ މަގާމަށް އަންނަ ބޭފުޅެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުން ކަމަށް މީކާއިލް ވިދާޅުވި އެވެ.

ޕާޓީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އޭނާއަކީ އެއްވެސް ފެކްޝަނަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށެވެ. ނަމަވެސް، މި އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޭނާއަށް އެބައޮތް ކަމަށް މީކާއިލް ހާމަކުރެއްވި އެވެ. އަދި ޕާޓީގެ ލީޑާޝިޕާއި ގްރާސްރޫޓް މެންބަރުންނާ ދެމެދު އޮތް ގުޅުން ކުޑަވެފައިވާ ކަން ފާހަގަކޮށް، އޭނާގެ އަމާޒަކީ އެ ގުޅުން ވަރުގަދަކޮށް އާންމު މެންބަރުން އެދޭ ގޮތަށް ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މީކާއިލް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު މި އިންތިހާބުގައި ވާދަކުރުމަކީ އެމަނިކުފާނަށް އޮތް ހައްގެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

އެހެންނަމަވެސް، ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނުއަސާސީއަށް ގެންނަން ހުށަހެޅުއްވި ބަދަލުތަކަކީ ޕާޓީގެ އަސާސްތަކަށް ބެލުމެއް ނެތި ހުށަހަޅާފައިވާ ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ އެފަދަ ބޮޑެތި ނިންމުންތައް ނިންމުމުގައި ޕާޓީގެ އާންމު މެންބަރުންނާއި، ގައުމީ މަޖިލިސް އަދި ކަނޑައެޅިފައިވާ ހުރިހާ ގުނަވަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރޭވުންތެރިކަމާއެކު ކަންކަން ކުރާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން، އެފަދަ ނިންމުންތައް ނިންމަންވާނީ ޕާޓީގެ ތެރޭގައި ހަރުދަނާ މަޝްވަރާތަކެއް ހިންގުމަށްފަހު ކަމަށް އޭނާ ފާހަގަކުރި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0