ކްރޮސް ބޯޑާ ފީ ނެގުމަކީ ދުނިޔޭގެ އެހެން ބޭންކު ތަކުންވެސް އަމަލު ކުރަމުންދާ އުސޫލެއް: ބީއެމްއެލް
ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން ނަގާ ކްރޮސްބޯޑަރ ފީއަކީ ދުނިޔޭގެ އެހެން ބޭންކުތަކުންވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ. ބޭންކުން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ބޭންކާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
"ހަސަން ކުރުސީ" ނަމުގައި އެކުސްގައި ހިންގާ އެކައުންޓަކުން ބުނެފައިވަނީ ބީއެމްއެލްއިން ދަނީ ދިވެހި ރުފިޔާ އެކައުންޓުތަކާއި ގުޅިފައިވާ ޑެބިޓު ކާޑުތަކުން ކުރާ ވިޔަފާރިތަކުން އޮޅުވާލައިގެން %30 އާ ހަމަޔަށް ފީއެއް ނަގަމުންނެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭންކުގެ 'ޝެޑިއުލް އޮފް ޗަރޖަސް' ގައިވާ ގޮތުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް 30 އިންސައްތައާ ހަމައަށް ފީއެއް ނެގުމުގެ އިޚްތިޔާރު ބޭންކަށް އޮންނަ ކަމަށެވެ. އަދި މިއީ ވަކި ބަޔަކަށް ލުޔެއް ދިނުމަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭންކުން ބުނިގޮތުގައި، 1 ޖުލައި 2025 އިން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނުނަގާނެއެވެ. އެހެންކަމުން ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ މާރޗަންޓުންނަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބޭންކުން ބުނެއެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން އާންމުކޮށްފައިވާ ގޮތާ ޚިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން %30 ގެ ފީ އެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ހާމަކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭ ވާހަކަތަކެކެވެ،" ބޭންކުގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.






ރިއެކްޓް