ޖިންސީ ގޯނާކުރިކަމަށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 18 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، ފުނާޑު.ނަވާ، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ.
ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ (ގާނޫނު ނަންބަރު 12/2009) ދަށުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 19 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން 18 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ބަންދުގައި ހުރި މުއްދަތު ވަނީ އުނިކޮށްފައެވެ.
އެގޮތުން، މި ދައުވާއާ ގުޅިގެން އޭނާ ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، ޢަބްދުﷲ ވަޙީދު މޫސާ ދެން ތަންފީޒުކުރަންޖެހޭނީ 16 އަހަރާއި 4 މަހާއި 21 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.






ރިއެކްޓް