ޚަބަރު

ބީއެމްއެލްއިން ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް މަތިކޮށްފި

21 އޭޕްރީލް 2026 - 12:30
ބީއެމްއެލްއިން ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް މަތިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރާ އެންމެ މަތީ އުމުރު 60 އަހަރުން 75 އަހަރަށް މަތިކުރުމަށް ނިންމައިފިއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވުނު އެ ބޭންކުގެ ބޯޑު ބައްދަލުވުމެއްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މީގެ ކުރިން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބޭންކުން ލޯނު ދޫނުކުރާ ކަމަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އެ އުމުރުފުރާގެ ބޭފުޅުންނަށްވެސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކުރިން އޮތް އުސޫލުގެ ސަބަބުން، މިސާލަކަށް އުމުރުން 55 އަހަރުގެ މީހަކަށް ލޯނެއް ލިބޭނީ ފަސް އަހަރުގެ ތެރޭގައި ދައްކާ ނިންމާ ގޮތަށެވެ. "މިހާރު އެ ބަދަލު މި ކުރީ 75 އަހަރަށް،" އޮކްޓޯބަރު 2024 ގައި ބޭންކުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަރީފް ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ގެދޮރު ގަތުމަށާއި އެހެނިހެން ބޭނުންތަކަށް ފައިސާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް މެދު އުމުރުގެ ބޭފުޅުންނަށް ލޯނު ދެއްކުމުގެ މުއްދަތު 20 ނުވަތަ 25 އަހަރަށް ދަމާލުމުގެ ފުރުސަތު ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވެގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެ ބޭންކުން ވަނީ ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0