13،000 އަށްވުނެ ގިން މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ: ޒަމީރު
ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ހާމަކުރެއްވި ގޮތުގައި ސަރުކާރު ކުންފުނިތަކުގައި މިހާރު 42،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. ސަރުކާރުން ކުންފުނިތަކަށް އަންގާފައިވާ ގޮތަށް 33 އިންސައްތަ މުވައްޒަފުން މަދުކޮށްފި ނަމަ، 13،000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ. މި ފިޔަވަޅަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް އަޅަން ނިންމި ފިޔަވަޅެކެވެ.
ވަޒީފާތަކުން މީހުން މަދުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބައެއް ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަކީ ބައެއް ކުންފުނިތަށް ހިންގަން ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށާއި، އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކުން އެ އަދަދަށް މުވައްޒަފުން މަދުކޮށްފިއްޔާ ކުންފުނި ނުހިންގިދާނު ކަމަށެވެ.
އެހެންކަމުން، މުވައްޒަފުން މަދުކުރަން އެންގި ނަމަވެސް އެކަން ކުރަންވާނީ ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެހެން އަދި ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ތިބި މުވައްޒަފުން މަދުކުރުމުގެ އިތުރުން، ކޮންމެހެން ބޭނުންވާ ވަޒީފާއަކަށް މެނުވީ އާ މުވައްޒަފުން ނުނެގުމަށް ވެސް ކުންފުނިތަކަށް ވަނީ އަންގާފައެވެ.
ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުނުކޮށް ހިފަހައްޓައިފި ނަމަ، ވަޒީފާ ގެއްލޭ މީހުންގެ ޖުމްލަ އަދަދު 13،000 އަށް ވުރެ މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މި ނިންމުމާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައިވާއިރު، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މިހާ ބޮޑަށް އިތުރުވެގެން ދިޔައީ މި ސަރުކާރު އައިސް ސިޔާސީގޮތުން ދީފައިވާ ވަޒީފާތަކުގެ ސަބަބުންނެވެ . މީގެ ކުރިން ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައީ ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށް ވަޒީފާ ބަހާފައިވާ ކަމަށާއި، މި ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.






ރިއެކްޓް