"ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދާއި ފައްޔާޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގުޅިވަޑައިގެން "ބޮޑު ބަދަލު" ގެ ނަމުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ދެ ފަރާތުން ވެސް މިހާތަނަށް މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ދެ ބޭފުޅުންގެ ސިޔާސީ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތަކެއް ހިއްސާކުރައްވާނެ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ބައްދަލުވުމަކީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ވަޑައިގަތުމާއެކު ސިޔާސީ ހަރަކާތްތައް ވަނީ އިތުރަށް ހަލުވިވެފައެވެ.
މީގެ ކުރިން ވެސް ރައީސް ނަޝީދާއި ފައްޔާޒު އިސްމާއީލް ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ އިޝާރާތްތަކެއް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ. އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކަންކަމާއި ގައުމީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، މި ދެ ބޭފުޅުން އެކުގައި ފެނިގެންދިއުމަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ކަމެކެވެ.
މިއަދު ހަވީރު ބާއްވާ މި ބައްދަލުވުމުގައި "ބޮޑު ބަދަލު" ގެ ތަފްސީލާއި، ކުރިއަށް އޮތް ތަނުގައި ދެ ބޭފުޅުން ގުޅިގެން ކުރިއަށް ގެންދާނެ ސިޔާސީ މަސައްކަތްތަކުގެ މަގުޗާޓު ހާމަކުރާނެ ކަމަށް ވިރާސީއަށް މައުލޫމާތުލިބެއެވެ.






ރިއެކްޓް