ޚަބަރު

ރިފަރެންޑަމް ވޯޓް ނާކާމިޔާބުވީ ކެމްޕޭން ޓީމާހެދި: ރައީސް މުއިއްޒު

19 އޭޕްރީލް 2026 - 09:31
ރިފަރެންޑަމް ވޯޓް ނާކާމިޔާބުވީ ކެމްޕޭން ޓީމާހެދި: ރައީސް މުއިއްޒު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ބޮޑުތަނުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕެއިން ޓީމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އއ. ރަސްދޫގައި ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައެވެ.

ޕީއެންސީގެ ކެމްޕެއިން ޓީމުތަކުގެ މަސައްކަތްތަކަށް ފާޑުކިޔަމުން ރައީސް މުއިއްޒު ވިދާޅުވީ، ކެމްޕެއިން ޓީމުތަކަށް އެކަށޭނަ މަސައްކަތްތަކެއް ކުރެވިފައި ނުވާތީ މި ވޯޓުން ބޭނުންވި ނަތީޖާ ނުލިބުނީ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ތަރުޖަމާކޮށްދިނުމުގައި ކެމްޕެއިން ޓީމުތައް ފަހަތަށް ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގު ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮޅުންތަކެއް އުފެދުނު ކަމަށެވެ. "އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަަލަ ދޮގު ވާހަކަތައް ފެތުރި، އެކި ކަހަަލަ ދޮގު ވާހަކަތައް ފެތުރީމާ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމަޔަށް ދިޔައީ، އެހެންވީމާ ކޮންފިއުޝަނެއްގައި ދިޔައީ މިކަން،" ރައީސް ވިދާޅުވިއެވެ.

ކެމްޕެއިން ޓީމުތަކުގެ އިހުމާލާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "އެއީ އެހާ ސާފުކޮށް ފެންނަން އޮތް މައްސަލައެއް، އަޅުގަނޑުމެންނަކަށް ނެތް ރައްޔިތުންނަށް ކިޔައިދެވިފައެއް".  ރައީސްގެ ވާހަކަފުޅުން ދޭހަވީ، ރިފަރެންޑަމްގެ މުހިންމުކަން ރައްޔިތުންނަށް ވިސްނައިދިނުމުގައި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ބަލިކަށިވީ ކަމަށެވެ.

އއ. ރަސްދޫގައި ބޭއްވި މި ޖަލްސާގައި ރައީސް ވަނީ ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި، އެކަމަށްޓަކައި މަރުހަބާ ދަންނަވާފައެވެ. ނަމަވެސް، ރިފަރެންޑަމް ފަދަ ބޮޑެތި ކަންކަމުގައި މިއަށްވުރެ ބޮޑަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓުގައި 221،111 މީހުން ވޯޓް ލާފައިވާއިރު އިލެކްޝަން ކޮމިޝަންގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން 148،859 މީހުން ވޯޓް ލާފައިވަނީ ދެ އިންތިހާބް އެއްކުރަން ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް ވޯޓް ލާފައިވަނީ 67،680 މީހުންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0