ޚަބަރު

މިޔަރު ހަމަލާދިން ދަތުރު ރޭވި ކުންފުނީގެ އިހުމާލު އޮތްކަމުގެ ތުހުމަތު

17 އޭޕްރީލް 2026 - 10:22
މިޔަރު ހަމަލާދިން ދަތުރު ރޭވި ކުންފުނީގެ އިހުމާލު އޮތްކަމުގެ ތުހުމަތު

ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން ދިޔަ ސްޕެއިންގެ ފަތުރުވެރިއަކަށް މިޔަރު ހަމަލާދީ ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާގައި، ދަތުރު އިންތިޒާމުކުރި ކުންފުނީގެ ބޮޑު އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.

ގއ. ކޫއްޑޫ ކައިރީގައި އޮންނަ މަސް ފެކްޓްރީ ސަރަހައްދަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންގެ އުމުރުން 31 އަހަރުގެ ގައިނަކޮލޮޖިސްޓަކަށެވެ.

މި ހާދިސާއާ ގުޅިގެން އަނިޔާވި ފަތުރުވެރިޔާގެ އަންހެނުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ސަރަހައްދަށް މަސް ކެނޑުމަށްފަހު އުކާލާ ބާކީބައިތައް ނާޅާތާ ހަފުތާއެއް ވެފައިވުމުން މިޔަރުތައް ތިބީ ވަރަށް ބޮޑަށް ބަނޑުހައިވެފައި ކަމަށެވެ. "މިފަދަ ނުރައްކާތެރި ހާލަތެއް އޮތްކަން ނޭނގި، ހުރިހާ ފަތުރުވެރިން އެއްފަހަރާ މޫދަށް ފުންމާލަން އެންގުމަކީ ކުންފުނީގެ ބޮޑު އިހުމާލެއް،" އޭނާ ބުނެފައިވެއެވެ.

ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ ދިނީ "ބުލް ޝާކް" އެއް ކަމަށް ބެލެވެއެވެ. މި ހަމަލާގެ ސަބަބުން އެ ފަތުރުވެރިޔާގެ ކަކުލުން ތިރީގެ ހުރިހާ މަސްތަކެއް ނައްޓާލާފައިވާއިރު، އޭނާގެ އެއްފައި ވަނީ ބުރިކޮށްލަން ޖެހިފައެވެ. އަނިޔާވި ފަތުރުވެރިޔާ މިހާރު ފަރުވާ ހޯދަމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މި ހާދިސާ ހިނގުމާއެކު އޭނާގެ އާއިލާގެ މީހުން މިހާރު ވަނީ އެހީތެރިވުމަށް ރާއްޖެ އައިސްފައެވެ. ރާއްޖޭގައި މިޔަރު ބަލަން ފީނުމަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ކަމަކަށް ވީނަމަވެސް، މިފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާކަން ބޭރުގެ މީޑިއާތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް ޗައިނާ އަދި ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިޔަރު ހަމަލާދީފައިވާ ހާދިސާތައް ވަނީ ހިނގާފައެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0