ޚަބަރު , ސިޔާސީ

ޕީއެންސީން ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ އަށް ހުޅުވާލައިފި

14 އޭޕްރީލް 2026 - 09:59
ޕީއެންސީން ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ އަށް ހުޅުވާލައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ރޭ ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ޕީއެންސީގެ ޓިކެޓުގައި މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕާޓީން ބުނި ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ޕީއެންސީގެ ޓިކެޓަށް އެދި ހުށަހަޅައިފި ނަމަ، ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ވަކި މުއްދަތެއްގެ ކުރިން ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. އެގޮތުން އޭޕްރީލް 13 ގެ ކުރިން ޕީއެންސީގެ ދަފްތަރުގައި ހިމެނިފައިވާ ނުވަތަ މެންބަރުވުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ޕްރައިމަރީގައި ވޯޓުލެވޭނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0