ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ޖޫން 6 ގައި ބާއްވަނީ
އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަންނާނީ [email protected] އީ-މެއިލް މެދުވެރިކޮށެވެ.
އީސީން ބުނި ގޮތުގައި އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމްބީ އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ. "އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާ ނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ،"ކަމަށްވެސް އެ ކޮމިޝަންގެ އިއުލާނުގައި ބުނެފައިވެއެވެ. އީސީއަށް ހާޒިރުވެގެން ފޯމު ހުށަހަޅާނަމަ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10 އިން މެންދުރުފަހު 3 އަށް، އަދި ހުކުރު ދުވަހު މެންދުރު 2 އިން ހަވީރު 4 އަށް ފޯމު ބަލައިގަންނާނެއެވެ.
މަޖިލިސް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކަށް ވުމުގެ އިތުރުން ސުންނަތް ޖަމާއަތުގެ މީހަކަށްވުން ހިމެނެއެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ.
މީގެ އިތުރުން، އިންތިޚާބުގައި ބައިވެރިނުވެވޭނެ ހާލަތްތަކެއްވެސް އީސީން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދިޔުމާއި، ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. އަދި 12 މަސްދުވަހަށް ވުރެ ދިގު ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރިތާ ތިން އަހަރު ނުވާ މީހުންނަށްވެސް ކުރިމަތި ނުލެވޭނެއެވެ.






ރިއެކްޓް